26.7.07

ވެރިކަމުގެ ނިޒާމުގައި ވޯޓުދެއްވާނެ، އަދި ވޯޓުގައި ބައިވެރިނުވާން ވިސްނަވާ ރައްޔިތުންނަށް އިޚްލާސްތެރި އިލްތިމާސެއް

ޚުދުމުހުތާރު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގޮތްޕެއްފަދަ ޑިކްޓޭޓަރުންގެ ބައިގަނޑު ޑީއާރުޕީއިން، މުސްތަޤުބަލްގައި ދިވެހި ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ވޯޓު ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަން ކެނޑިނޭޅި މަސައްކަތް ކުރަމުން އައި ހިނދު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހިތްވަރުގަދަ އެކްޓިވިސްޓުންނާއި، އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ ޤުރުބާނުން، ދިވެހީންގެ މުސްތަޤުބަލް، ދިވެހިންގެ ވެރިކަން ކަނޑައެޅުން ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދީފިއެވެ. ހަމައެހެންމެ ޢުމުރުން 18 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންނަށް ވޯޓުލުމުގެ ޙައްޤު ދިނުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ޑީއާރުޕީއިން ކުރަމުން އައި ޣައިރު ޤާނޫނީ ދަޢުވާއަށް ސިޔާސީ ގޮތުންނާއި ޤާނޫނީގޮތުން ގޮންޖަހައި، ވަރުގަދަ ޖިހާދަކަށްފަހު، ލޭއޮހޮރުވުމަކާއި ނުލައި، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ފަރުދަކަށް، އޮގަސްޓް 18 ވަނަ ދުވަހު އޮންނަ ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ތާރީޚީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު އެމްޑީޕީއިން ހޯދައިދީފިއެވެ. ހަމައެހެންމެ އެމްޑީޕީގެ ތާރީޚީ ނަމޫނާ ޑިމޮކްރެޓިކް އިންތިޚާބަށް ފަހު އެމްޑީޕީގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެފައިވާ ގޮތަށް، މިފަހަރު ވޯޓުލެވޭ ކޮންމެ ރަށެއްގައި ވޯޓު ފޮށު ހުރި ސަރަހައްދެއްގައި ވޯޓު ގުނައި ވަގުތުން ނަތީޖާ ޢިއުލާން ކުރަންޖެހޭ ކަމަށްވެސް އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕުގެ މަސައްކަތުން މަގުފަހިކޮށްދީފިއެވެ. އަދި ހުރިހާ ސިޔާސީޕާޓީތަކުގެ މަންދޫބުންނަށާއި ނޫސްވެރިންނަށް ވޯޓުލުން ކުރިއަށްދާގޮތް އޮބްޒާވް ފުރުސަތުވެސް ތަނަވަސްކޮށްދީފައި މިވަނީ އެމްޑީޕީ އަދި ޕީއޭ އަދި ވަކި ފަރާތަކަށް ނުޖެހޭ ކޯލިޝަންގެ ހިތްވަރުންނެވެ. މިދައްކަނީކީ ތޯތޯވާހަކައެއްނޫނެވެ! ޚާއްސަ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ޔައުމިއްޔާތަކުން މިކަން އެއޮތީ އެއްވެސް ފޮރުވުމެއްނެތި ފެންނާށެވެ. އެމްޑީޕީއާއި ޑީއާރުޕީއާ ދެމެދު ދަރުބާރުގޭގައި މާޗްމަހުގެ ކުރީކޮޅު ބޭއްވި ސައްލާކުރުންތައް ހުއްޓާލަން ޖެހުނީ، ވެރިކަމުގެ ނިޒާމްގެ އާންމު ވޯޓު ކެންސަލްކުރަން އެއްބަސްވުމަށް ޑީއާރުޕީއިން ހުށަހެޅި ހުށަހެޅުމަށް އެމްޑީޕީއިން ތާއީދުނުކޮށް ރައްޔިތުންގެ މަސްލަހަތުކުރިއަށް ނެރުމުންނެވެ. އަދި ޑީއާރުޕީއިން ދޮން މީހުން ގެނެސްގެން އާންމު ވޯޓު ކެންސަލް ކުރަން އަބުއިގޮތަކަށް ލަފާވެސް ނެރުނުކަން ހަދާން ކުރަން އެބަޖެހެއެވެ. އަދި ޑީއާރުޕީގެ ކަމުވޮށިގެންވާކަމަށް ދަޢުވާކުރާ ކައުންސިލްގެ ލަފައެއް ނެތި، ޒަޢީމުގެ ޚުދުމުހުތާރު ނިންމުމަކަށްވީ ރިޔާސީ ނިޒާމު ޚިޔާރު ކުރުމެވެ. މިކަމުގެ ސަބަބުން އިސްލާހޭ، އެންމެ އިތުބާރުކުރެވޭ ހަރުދަނާ ޕަޓީއޭ، ޒުވާން ވަޒީރުންނޭ، ނިއުމޯލްޑިވްސްއޭ، ކަހެރުވަކޭ ކިޔަމުން އައި ޑީއާރުޕީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް ހުތުރުގޮތަކަށް އޮރިޔާންވެ ބޮލާފޮށާއެޅިފައިވަނީ، އުފާކުރުން ޙައްޤު ދަރަޖަ އަކަށެވެ. ޑީއާރުޕީގެ މިހީލަތްތެރި ޚިޔާނާތުގެ ނަތީޖާއަކަށްވެގެން ދިޔައީ، ރިޔާސީ ނިޒާމު ޕްރޮމޯޓްކޮށް ކެންވާސް ކުރަން ރަށްފުށުގެ ރަށްތަކަށް ދިޔުމުން، ވަކަރުގޭ ޝަރީފުމެން، ކޮންޑަލީޒާ ރައިސްމެންނަށް އޮއްގަލާއި ފައިވާނުން މަރުޚަބާ ކިޔައި، ވެހޭވާރޭތެރޭން ޑީއާރުޕީގެ ވީއައިޕީ ވަފުދުތަކަށް ވީހޭޓްޔޫއޭ ބުނެ ވަރަށް ނިކަމެތި ގޮތަކަށް ރަށްރަށުން ފައްސާލުމެވެ. ޑީއާރުޕީގެ ރިޔާސީ ކެމްޕޭންގެ ނާކާމިޔާބު ދަތުރުތަކަކީ، މިފަދަ ނިކަމެތި ސިލްސިލާ ނާކާމިޔާބީއެއް ސިޔާސީ ޕާޓީއަކަށް އަމާޒުވި ފުރަތަމަ ފަހަރެވެ. ޚާއްސަކޮށް ޑީއާރުޕީގެ އެންމެ މެންބަރުން ގިނަކަމަށް ދަޢުވާކުރަމުންދާ ރަށްރަށުން އެމީހުންނަށް ލިބުނު ނާކާމިޔާބީގެ ހަޤީޤަތަކީ އާންމު ވޯޓު ނެގިޔަ ނުދިނުމަށް އަދި 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްޤުނުދޭން ޑީއާރުޕީން ކުރަމުންއައި ވިޔާނުދާ ލާއިންސާނީ އަނިޔާވެރިކަމުގެ ބަދަލެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ސިޔާސީ ކަންކަމާމެދު ވިސްނާ ގިނަބަޔަކު މިއަދު ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބަރުލަމާނީ ނިޒާމާއި ޚިލާފަށް ރިޔާސީ ނިޒާމެއްގައި ވަޒީރުންނަކީ އެއްވެސް ބާރެއްނެތް، ރައްޔިތުންގެ މަޖިލީޖަށް ޖަވާބުދާރީ ވާންނުޖެހޭ، ވަކި މީހަކު ބުނާހާގޮތަކަށް ކަންކުރަން ޖެހޭ ރައްޔިތުންނަށްވުރެ ވެރިކަމުގެ މަސްލަހަތަށް ވަފާތެރިވާންޖެހޭ ވެރިމީހާގެ އަޅުން ކަމަށް ވުމެވެ. މިހާރު ޢާއްމުކޮށްގެން އުޅޭ ރިޔާސީ ނިޒާމުގެ މަޢުލޫމާތު ކަރުދާހުން މިކަން ސާފުކޮށް އެގޭނެއެވެ. ބަރުލަމާނީ ނިޒާމެއްގައި ކޮންމެ ދުވަހަކު ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވި ސުވާލުކުރެވޭއިރު، ރިޔާސީ ނިޒާމެއްގައި ވެރިޔަކަށް ހުންނަމީހާ ވެރިކަމުގައި ހުރިހާ ދުވަހަކު އޭނައާ ސުވާލުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ރިޔާސީ ނިޒާމެއްގައި މިރާއްޖެ މިއޮތް ހުރިހާ ދުވަހެއް ވީއިރު މިއީ މުއްސަދިން މުއްސަދިކޮށް ފަޤީރުން އިތުރަށް ފަޤީރުކުރުވަމުންދާ ނިޒާމެއްކަން ދިވެހިރައްޔިތުން މިއޮތީ ތަޖުރިބާކޮށްފައެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ނިކަމެތި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ރައްޔިތުންގެ ފައިސާއިން ހުޅުމާލެ ހިއްކާފައިވީ ނަމަވެސް އެބިން އެއޮއްގެން ބޭނުން ކުރެވެނީ މުއްސަދިންގެ ތަނެއްގެ ގޮތުގައެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ނިކަމެތި ރައްޔިތުންގެ ތެރެއިން ހުޅުމާލެއިން ޖާގަ ލިބުނު މަދު މީސްކޮޅަށްވެސް ވެރިކަމުގެ ބާރުގެ ދަށުގައިވާ ކޯޓުތަކުން ހުކުމްކޮށް މަގުމަތިކުރަމުންދަނީ އެވެ. އެކަކު ގިނަ ދުވަހު ވެރިކަމުގައި ހުރުމަކީ ރަގަޅުގޮތެއްނޫން ކަމަށާއި އެއީ މީހުން ފޫހިވެސްވާނެ ކަމެއްކަމަށް ބުނުމަށްފަހުވެސް ރިޔާސީ ނިޒާމެއްގައި ހަމަ ތިރީސްއަހަރު ވެރިކަން ކުރުމަށްފަހު އަނެއްކާވެސް އަނެއް ފަސްއަހަރު ވެރިކަން ކުރަން ކުރިމަތިލާނެ ކަމަށް އެއް އަގައަކުން ރިޔާސީ ނިޒާމުގެ ރައީސް އިޢުލާނު ކުރިއިރުވެސް އޭނާއާ ދޭތެރޭ ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތެވެ. ރިޔާސީ ނިޒާމެއްގެ ދަށުން މިޤައުމަށް މަސްތުވާތަކެތި އެތެރެކޮށް އެވަގު ވިޔަފާރި ފުޅާވެ، ޤައުމުގެ އާބާދީ ހަލާކުވެގެން ދިޔައިރުވެސް، މަސްތުވާތަކެތީގެ ވިޔަފާރިއަކީ ބައިނަލް އަޤްވާމީ ވަރަށް ފުޅާ ވިޔަފާރިއެއްކަމަށް ވަރަށް ހަމަޖެހިފައި ބުނި ގޮތުން ހީވަނީ މިއީ ބޮޑު އިޤްތިސާދީ ކަމެއް ހެން، އެއްގޮތަކަށްވެސް މިއީ ބައިނަލްއަޤްވާމީ ވަގު ވިޔަފާރިއެއްކަން ހާމައެއްނުކުރިއެވެ. ރިޔާސީ ނިޒާމެއްގައި ފުލުހުން ރާއްޖޭގެ ރަށްރަށްއަރައި އަނިޔާވެރި ޖަރީމާތައް ހިންގަމުންދަނީއެވެ. ރިޔާސީ ނިޒާމެއްގައި ދައުލަތުގެ މީޑިއާ އަކީ ދޮގު ޚަބަރު ފަތުރާ ޕްރޮޕެގެންޑާ ޗެނަލެއް ކަމުގައި ހަދައިފިއެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ޤާނޫނާ ޚިލާފަށް ސައްތައިން ސައްތަ އިސްލާމީ މިޤައުމުގައި 40 ފޫޓުގެ ބުދު ބެހެއްޓުމުގެ ފުރުސަތު ދިނީއެވެ. މިދަންނަވާލީ ރިޔާސީ ނިޒާމެއްގައި ހުރި ވޭންދެނިވިކަމުގެ ދިރިހުރި މިސާލުތަކެކެވެ. ދިވެހި އުޑުދަށުގައި ރައްޔިތުން ހޭދަކުރާ ކޮންމެ ދުވަހަކު މިޤައުމުގެ ހަތަރެސްކަނުން ފެންނަމުންދަނީ ރިޔާސީ ނިޒާމެއްގައި ދިވެހި ރައްޔިތުން ކަރުނަ އަޅަމުންދާ ހިތްދަތި ތަޖުރިބާތަކެވެ. މިޤައުމުދެކެ ލޯބިވާ ކޮންމެ ދަރިޔަކުވެސް މިނިކަމެތިކަމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ބަރުލަމާނީ ނިޒާމަށް ވޯޓު ދިނުމަކީ މުހިއްމު ކަމެކެވެ. ރިޔާސީ ނިޒާމަށް ދެވޭ ކޮންމެވޯޓަކީ ތިމާމެންގެ އަތުން ޤައުމުގެ މުސްތަޤުބަލް ބޯ ވިލާތަކުން ބަނަކޮށްލުމެވެ. މިހެން ދަންނަވާއިރުވެސް ގިނަ ދިވެހި ރައްޔިތުންގައިގާ ހިގަނީ ބަރުލަމާނީ ލޭކަން އެބަ އެގެއެވެ. ނަމަވެސް 2008 ގައި ރިޔާސީ އިންތިޚާބުގެ ހުވަފެނީ ދުނިޔޭގައި ވެރިކަމުގެ މަސްތުވެގެން އުޅޭ ޑިކްޓޭޓަރު ފިޔަވައި އެހެން އެއްވެސް ދިވެހި ރައްޔިތަކު، ވޭތުވެދިޔަ 29 އަހަރު އަހަރު މިޤައުމު ގިއްގަޅުވާލި ރިޔާސީ ނިޒާމަށް ވޯޓު ދިނުމަކީ އަޅުގަނޑު އެދޭ ކަމެއްނޫނެވެ. ޚުދު ޑިކްޓޭޓަރުގެ ކޮއްކޮ ޔާމީންވެސް ބަރުލަމާނީ ވެއްޖެއެވެ. މިޤައުމުގައި ތިބިހާ ޤާނޫނީ ފުންނާބުއުސް މާހިރުން ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަކަށެވެ. ޑރ މުހައްމަދު މުނައްވަރެވެ. އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. ހުސްނުއް ސުޢޫދެވެ. ޤައުމުގައި ތިބިހާ ވިޔަފާރިވެރިން ބަރުލަމާނީވެއްޖެއެވެ. އަބްދުﷲ ޖާބިރެވެ. ޖައުފަރު އީސާ އާދަމެވެ. (ގައްދޫ) ޒާހިރު އާދަމެވެ. ޤައުމުގައި ތިބިހާ ޒުވާނުން ތާއީދުކުރަނީ ބަރުލަމާނީ ނިޒާމަކަށެވެ. އެންމެފަހުން އަންނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރާނެކަމަށް ޑިކެޓޭޓަރު އިއުލާންކޮށް އެގުއިރޯނުގައި ޑިކްޓޭޓަރު ޖެހުމާއެކު ޤާސިމް އިބްރާހީމާއި އޭނާގެ އައުލާދުންވެސް ބަރުލަމާނީވެއްޖެއެވެ. ވުމާއެކު ދިވެހި ރައްޔިތުންގެ ހައިރާންކުރުވަނިވި ބޮޑު އަޣުލަބިއްޔަތަކުން ބަރުލަމާނީ ނިޒާމް ފާސްވެގެންދާއިރު، ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުމުގެ ޖޯޝުން ފުރިގެންވާ ޤައުމީ އުފަލުގައި ޝާމިލްވުމުގެ ފުރުސަތު ނަގާނުލައި، ޑިކްޓޭޓަރު ފިޔަވައި އެހެން ހުރިހާ ދިވެހި ރައްޔިތުން ބަރުލަމާނީ ނިޒާމަށް ވޯޓުދެއްވަމާތޯއެވެ. ޒުވާނުންގެ ނިޒާމް- ބަރުލަމާނީ ނިޒާމް- ރައްޔިތުންގެ ބާރު ރައްޔިތުންނަށް.

24.7.07

">

ސިޔާސީ ކަންކަމާއިވީ ބެހޭށެވެ


ޑިމޮކްރަސީގައި ސަރުކާރަކީ ރައްޔިތުންނެވެ. މިގޮތުން ސަރުކާރާއި ޕޮލިޓިކްސްއާއި ރައްޔިތުންނާއި ދެމެދު އުފެދިފައި އޮންނަ ގުޅުމަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގެ ޙަޤީގީ ސިއްރެވެ. މިގުޅުން އުފެދިގެން ދަނީ ރައްޔިތުންގެ ޙައްޤުގައި ސަރުކާރު ހަރަކާތްތެރިވާން ފަށާ ހިސާބުންނެވެ. ސަރުކާރުގައި ހިމެނޭ ކަންތައްތައް ހިންގައި ވަކިގޮތަކަށް ބައްޓަން ކޮށް ވަކި ހަމަތަކަކާއި އުސޫލްތަކަކަށް ފެއްތުމީ ޕޮލިޓިކްސްއެވެ. ނުވަތަ ސިޔާސީ ކަންކަމެވެ. މި ޕޮލިޓިކަލް ނިޒާމް އެކުލަވާލެވިފައި އޮންނަން ވާނީ ރައްޔިތުންނަށް އޭގެ ފައިދާއާއި، މަންފާ ކުރާނޭ އުސޫލެއްގެ މަތިންނެވެ

ދިވެހިރާއްޖޭގައި ޒަމާނުއްސުރެވެސް އޮންނަނީ ސަރުކާރާއި ރައްޔިތުން ވަކިވެފައެވެ. ގައުމުގެ ކަންކަން އޮންނަނީ ޤައުމުގެ ރައްޔިތުން އޭގެ މައްޗަށް އަމުރު މަޢުރޫފް ހިންގުމުގެ ބަދަލުގައި ސަރުކާރު އަމިއްލަ އަމިއްލައަށް ކަންތައް ނިއްމާ އުސޫލެވެ.

އެހެންކަމުން މިތާގައި ރައްޔިތުންނަށްޓަކައި ހިންގޭ ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއް އެކުލަވާލުން ވަނީ ދަތިކަމަކަށް ވެފައެވެ. މިހާރު މިއޮތް ސަރަކާރު ހިންގާ ނިޒާމުގެ ޝިކާރައަކަށްވަނީ ނިކަމެތި ރައްޔިތުންނެވެ. ޤައުމުގައި މުއްސަނދިކަމާއި ތިޔާގި ކަމުގައި އުޅެނީ ވެރިކަމުގެ ތިބި މީހުންނާއި، އެމީހުންގެ އަރިސް މީހުންނާއި، ހިތް ރުއްސައިދީގެން އުޅޭ މީހުންނެވެ

ޕޮލިޓިކްސްއާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އެނގެން ޖެހެނީ މިހެންވެއެވެ. ޕޮލިޓިކްސް އަކީ ރައްޔިތުންގެ ދިރިއުޅުން ކަނޑައަޅައިދޭ އަސާސެކެވެ. ގައުމުގެ އިޖްތިމާޢީ، އުމްރާނީ، އަދި އިގްތިޞާދީ މިންގަނޑުތައް ކަނޑައަޅައި، އެހާލަތަށް ޤައުމު ގެނެސް ދެނީ ޕޮލިޓިޝިއަނުންނެވެ. ރައްޔިތުންނަށް ތަޢުލީމު ލިބެންޖެހޭ މިންވަރާއި، ފެންވަރު ބިނާވެފައި އޮންނަނީ ޕޮލިޓިޝިއަނުން ނިއްމާ ނިންމުން ތަކެއްގެ މައްޗަށެވެ. ރައްޔިތުންނަށް ވިޔަފާރި ކުރެވޭނޭ ގޮތާއި، މިންވަރު ނިއްމަނީ ޕޮލިޓިކްސް އެވެ. އެހެން ކަމުން މާދަމާ އަހަރެމެންގެ ދަރީންނަށް ކިޔެވަން ދެވުމާއި، ނުދެވުން މި އޮތީ ސިޔާސީ ކަންކަމާއި ބެހި ލާމެހިފައެވެ. މާދަމާ ވެސް ބަނޑަށްޖެހި، ވިޔަފާރިތައް ހުއްޓި، ޤައުމުގެ އިގްތިޞާދު އެފުށް މިފުށަށް ޖެހޭނީ ޤައުމުގެ ސިޔާސަތު ބިނާވެފައި އޮންނަ ގޮތެއްގެ މައްޗަށެވެ. ސަރުކާރަކުން ޤައުމެއް ހިންގާހާ ދުވަހަކު ރައްޔިތުންގެ އަސާސީ ބޭނުން ތަކާއި ޙައްޤުތައް އޮންނާނީ ސިޔާސީ ކަންކަމާއި ގުޅިލާމެހިފައެވެ

ވީމާ ސިޔާސީ ކަންކަމާއިވީ ބެހޭށެވެ. ގޯސްކޮށް ހިނގާނަމަ ފާޑުވެސް ކިޔަންވީ އެވެ. އިސްތިއުފާއަށްވެސް ގޮވަން ވީއެވެ

13.7.07

މޫސާ ރަމީޒު ކޮބައިބާ؟

އަޅުގަނޑަކީ ޤަވާއިދުން މަޖިލިސްތަކާއި ބެހޭ ޚަބަރު ކިޔާ ، އަޑުއަހާ އަދި ބަލަމުން އަންނަ މީހެކެވެ. ށ. އަތޮޅުގެ މީހަކަށް ވާތީ މި އަތޮޅުގެ މެމްބަރުންގެ ފަރާތުން އަތޮޅަށާއި އަޅުގަނޑުގެ ރަށަށް ހެޔޮ ބަދަލެއް ގެނެސްދޭނެ، ފައިދާ ކުރުވަނިވި ވާހަކަޔެއްގެ ވާހަކަ އަޑު އިވޭތޯ ޚާއްޞަ ސަމާލުކަމެއް ދެވެއެވެ

ނަމަވެސް ދަންނަވާލަން މިއުޅޭ ވާހަކަޔަކީ އަތޮޅުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމަށް މަޖިލީހުގައި މެމްބަރުން ނެތް ވާހަކައެވެ. ކިރިޔާވެސް އަޑެއް އިވެނީ އެމް އެޗް އާއި ލުބުނާގެ އަޑެވެ. ނަމަވެސް އެމީހުން ނަކީ ވެސް އަތޮޅުގެ ކަންކަމަށްވުރެ ޕާޓީ އާއި މައުމޫނުގެ ކަންތައްތައް މާ އިސްކޮއްގެން އުޅޭ ބަޔެކެވެ. އެހެންވެ އަތޮޅައްޓަކައި އެއްވެސް ކަމެއް ކޮއްދެވޭނެ ވަގުތެއް ވާކަމަކަށް ނުވެއެވެ. އެފް ޑަބްލިޔޫ އަކީ ޑީއާރުޕީއަށް ވަދެގެން އަމިއްލަ ކޮމްޕެނީއަށް ކޮންސްޓްރަކްޝަން ބިޑްތައް ހޯއްދުމަށް މަސައްކަތްކުރަމުން އަންނަ މީހެކެވެ. މިގޮތުން ބައެއް ބޮޑެތި ބިޑްތައް މިހާރުވެސް ކާމިޔާބުކޮއްފައި އެބަހުއްޓެވެ. ދެން ތަފްޞީލް ބޭނުމިއްޔާ ފަހުން ގެނެސްދީފާނަމެވެ

ދެން އޮތީ މިރަށުކަތީބުގެ އަދި ތައްޓޭގެ ލައިފް ޕާރޓްނަރ މޫސާފުޅުގެ ވާހަކައެވެ. މާބޮޑު ތަފްޞީލަކަށް ދާކައްނުޖެހޭނެ ކަމަށް ދެކެމެވެ. އަތޮޅުވެރިކަން ކުރުމުގެ ތަޖުރިބާ ބޮޑުކަމުން ތައްޓޭއަށް އަތޮޅުވެރިކަން ކުރާނޭގޮތް ރަނގަޅަށް ކިޔައިދީފިއެވެ. ށ. އަތޮޅުން މޫސާފުޅު ފޮނުވާލިހެން ފޮނުވާނުލާ ނުތިބޭނެހެން މަށަށް ހާދަ ހީވެއެވެ

ކުރިން ބުނި ބީދައިން މަޖިލިސްގެ ޚަބަރުތަކާއި މަޢުލޫމާތު ހޯދުމަށްޓަކައި މަޖިލިސްގެ ވެބްސައިޓަށް ވަނީމެވެ. އަޅުގަނޑަށް ހީކުރެވެނުން އައި ހީ ޙަޤީޤަތެއްކަން އެނގުނީ މި މަޖިލިސް ސައިޓުންނެވެ. މިސައިޓްގައި ރައްޔިތުންގެ މަޖިލިސް އަދި ޚާއްޞަ މަޖިލިސްގެ ލިސްޓްގައިވެސް މުސަޅުގެ ނަމެއްނެތެވެ ތިޔަބޭފުޅުން ގެ މަޢުލޫމާތައްޓަކައި އެ ދެމަޖިލިސްގައި ތިބި ށ. އަތޮލުގެ މެންބަރުންގެ ވަނަވަރު އެ ސައިޓްގައި ވާ ގޮތައް ގެނެސްދޭނަމެވެ. ދެން އަވަސް އަވަހަށް މަޖިލީހަށް ގުޅައިގެން މޫސާ ފުޅުގެ ނަން އަރުވާށެވެ. ވޯޓް އޮޅުވާލައިގެން ވަދެ މަޖިލީހުގައި ފިލާ އިންނަންޏާ ވާނީ ތިހެންނެވެ


ޚާއްޞަ މަޖިލިސް
http://www.majlis.gov.mv/khaassamajlis/hmmemberungedetails.php?memberDetails=36
http://www.majlis.gov.mv/khaassamajlis/hmmemberungedetails.php?memberDetails=33




ރައްޔިތުންގެ މަޖިލިސް
http://www.majlis.gov.mv/vanavaru.php?vanavaru=84
http://www.majlis.gov.mv/vanavaru.php?vanavaru=66



8.7.07



ކަތީބުތަ؟ ސަރުކާރުންތަ؟ ރައްޔިތުންތަ؟



މި އާރޓިކަލް އަކީ މާއުނގޫދޫގެ ފަޅު ކޮންނަން ފެއްޓިތަނާހެން ލިޔެފައިވާ އާރޓިކަލް އެކެވެ. ވީމާ، މިހާރުގެ ހާލަތާއި ނުގުޅުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއާރޓިކަލްގެ އިތުރުން މިހާރާއި ގުޅޭ އާރޓިކަލްތަކެއްވެސް އިރާދަކުރެއްވިއްޔާ ގެނެސްދޭނަމެވެ.



ގާމަތީ މަސްވެރި މާއުނގޫދޫ އަކީ މީގެ ކުރިން މަހައްދާ ގައިގަނޑަކަށް 12 އުޅަނދު ދުއްވިރަށެކެވެ. ނަމަވެސް ލިބުނު ތަޖުރިބާގައި މިހާރު މަހައްދާ އޮތީ އެންމެ 3 ދޯންޏެވެ. އެހެނީ ވިއްސާރަވެ ގަދަވެއްޖެޔާ އޮޑި ވެރިންނާއި ކެޔޮޅުން އުޅެން ޖެހެނީ ނިދިފިޔައެއް ނުޖަހައެވެ. ދޯނިތައް ރަށްމަތި ވެގެނެވެ. އެއްތަނުން އަނެއްތަނުން ދޯނިތައް ގެންގޮސް އަޅާނެ ތަނެއް ނެތި ރޭގަނޑު ހަތަރުދަމު ކަނޑުމަތީ ތިބެން ޖެހެނީ މަދެއްކޮށެއްނޫނެވެ. އެވަގުތު އެމީހުން އެއުޅޭ ހާލު ފެނިއްޖެ މީހާކު ލޮލުން ކަރުނަ ހިލޭނެއެވެ. މިދެންނެވި ފަދަ ހާދިސާތަކުގައި އެތައް ދޯންޏަކަށްވަނީ އެކިފަހަރު މަތިން އެތައް ގެއްލުމެއްވެފައެވެ. ހަމައެކަނި ދޯންޏަކަށް ނޫނެވެ. ކެޔޮޅުންނަށާއި އާންމުރައްޔިތުންނަށް ނަފްސާނީ، ޖިސްމާނީ އަދި މާލީ ގެއްލުން ވަނީ ވެފައެވެ



މީގެ 15 ވަރަކަށް އަހަރު ކުރިން ކުރި ވިއްސާރައެއްގައި މިރަށު ކުޅުދޫގެ އަލްމަރުހޫމް އަބްދުލް ރަހުމާނުގެ ދޯނިވަނީ ގެއްލިފައެވެ. އަދި އަދަށްދާންދެންވެސް އެދޯނި ނުފެނެއެވެ. ހަމަ އެފަދައިން އިބްރާހިމް ވަހީދު ކިޔާ މީހެއްގެ ދޯނިވަނީ ހަލާކުވެފައެވެ. އަދި ވަރަށް ފަހުން 24/05/2005/ ގައި އުތުރުގެ އަތޮޅުތަކަށް ވީ ގަދައިގައި ވައިލެޓްމާގޭ މުހައްމަދުގެ ބޮއްކުރާ އޮޔާގޮސް، އާދަމް އިބްރާހިމްގެ ދޯނި ފުއްޓަރު ގާތަކު މައްޗައްޖަހާ ހަލާކުވެ، ދޫރެސް ނަސީރު ދޯނި ގިނރުބާ ކޮޅުން ބޮޑުބައެއް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން އެދުވަހު ރައްޔިތުން ނިކުމެ ދޯނިތައް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެކި މީހުންނަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ. ގެއްލުން ނުވެ ހުންނާނެ ތޯއެވެ. ދޯނިތައް އަޅާފައި ހުންނަނީ ފުއްޓަރުގައެވެ. އެވަގުރު މޫދަށް އެރުމަކީވެސް ދަންޖެހޭ މަޅި އަމިއްލަޔަށް ކަރަށް މޮހެލުން ފަދަ ކަމެކެވެ. ނަމަވެސް އެގަދާގައި އެނުރައްކަލާ ކުރިމަތިލަނީ (ރާޅުތަކުގެ ތެރޭ ފަތާފައި ދަނީ) ހިތަށާއި ފިތައް ކެއް ނުވެގެންނެވެ. ބަލަން ނުހުރެވިގެންނެވެ. ދެން މަސްވެރިން ދުވާލު ލޯބޯ ފިއްސާގެން ބާނާ މަސްކޮޅުގެ ކަންތައްވެސް ހަމަ މިހާ ހިތްދަތި ގޮތަކަށެވެ. އުރަފަށުގައި ދޯނި އަޅައިފައި ބޮއްކުރާ ގަނޑެއްގައި މަސް ބާލާއިރު، އެމަސްކޮޅު އެމީހުންނަށް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެއެވެ. ކިޔަންމެ ފަހަރަކު ރާޅެއް އައިސް ބޮއްކުރާ ގަނޑުބަންޑުން ޖަހާލުމުގެ ސަބަބުން ބޭނި މަސްކޮޅު ރާޅުތަކުގެ ޝިކާރަޔަކަށް ވެފައި އެބަހުއްޓެވެ. ދުވާލު ހަތަރުދަމުގެ މަސައްކަތް ބޭކާރުވީއެވެ. އަނބިދަރިން ނުކައި ތިބެން ވީއެވެ. މާލެއަށް ގެންދާ މުދާ ކޮޅާއި، މާލެއިން ގެންނަ މުދާ ކޮޅުގެ ކަންތައްވެސް ހުރީ މިފަދައިންނެވެ. ކިތަންމެ ފަހަރަކު ވިޔަފާރި ވެރިންގެ މުދާކޮޅާއި، ރައްޔިތުން ކާންގެންނަ ކާޑުކޮޅު ރާޅުތަކުގެ ޝިކާރަޔަކަށްވެފައި އެބަހުއްޓޭ މިދަންނަވަނީ ހިތާމަޔާ އެކުގައެވެ



މަތީގައި އަޅުގަނޑު ބަޔާންކުރެވޭތޯ މިއުޅެނީ ރޭޑިޔޯއިންނާއި ޓީވީން އަބަދު އެކިޔާ މިއޮށް ތަރައްގީ ޒަމާނުގައިވެސް މާއުނގޫދޫގެ ރައްޔިތުން ހޭދަކުރި ގޮތެވެ. ފަޅެއް ކޮނެދީފައި ނެތުމުންނެވެ. އަތޮޅަށް ކުރިމަތިލާ ބޭފުޅުންވެސް އެބޭފުޅުންގެ ކެންޕޭން ދުވަސްވަރު ރައްޔިތުން މޫދަށް އެރުވާ ފަޅު ކޮންނަތަން ކަމަށްބުނެ އެތައް ފަހަރަކު މިންވެސް ޖެއްސިއެވެ. ނަމަވެސް މެންބަރ ކަމަށް ހޮވުމުން އެބޭފުޅުންވެސް އަހަރުމެން މަތިން ހަނދާންނެތެނީއެވެ. އަހަރުމެން ރާއްޖެތެރޭ މީހުން ބޯގަޅިވިޔަސް ފަސްކުޅަނދު މަދުވިޔަސް މިވަރަށް އަޅުވާލަން ހެޔޮވާނެތޯއެވެ. މިރަށުގެ ރައްޔިތުން ފަޅުކޮންނަން ފެންބޮވައިގެންފައި ތިބިވަރުން މިތިބީ ގާނޫނު ބުނާގޮތުން ވަރަށް ބޮޑު ކުށެއްވެސް ކޮށްގެންނެވެ. ނަމަވެސް އެކަމާ ރައްޔިތުން ޒިންމާވާން ޖެހޭނެ ކަމަކަށް އަހަރެން ނުދެކެމެވެ. އެކަމުގައި ޒިންމާވާންޖެހޭނީ މާއުނގޫދޫ ވެރިޔާ އަދި އެޓޯލް ވެރިޔާ މާހިރުއެވެ. އެހެނީ އެބޭފުޅުންނަކީ ގާނޫނާއި ގަވައިދު އިނގޭ ރައްޔިތުންނަށް މަގު ދަށްކަން ތިބި ބޮޑުންނެވެ. ދެން އަހަރުމެން ކުރި ކުށެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބަށް ކެންޕޭން ކުރި ދުވަސްވަރު އަތޮޅުވެރިޔާ މާހިރު މާއުނގޫދޫ އަށްގޮސް ރައްޔިތުންނާއި ބައްދަލުކޮށް ބުނީ މިރަށުން މައުމޫނަށް 100 އިންސައްތަ ހޯދާދީފިއްޔާ މިރަށު ފަޅުކޮނެދޭނެ ކަމަށެވެ. އެހެން ނޫނީ ފަޅު ނުކޮނެވޭނެ ކަމަށެވެ. އޭނަޔަށް އިނގޭނެ ފަދައިން ފަޅުކޮންނަން ވެއްޖެޔާ މާއުނގޫދޫގެ ރައްޔިތުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކަންތައްވީވެސް އެހެނެވެ. ވޯޓުލީއިރު ހުރިހާ އެންމެންގެ ވޯޓުގައި ފާހަގަ ޖަހަން އިނީ އެންމެ މީހެކެވެ. މީ އެތޮޅުވެރިޔާ މާހިރު ދިން މޮޅު ހިޔާލެކެވެ. މިކަން ހިނގީ މިހެންކަން މާއުނގޫދޫގެ ރައްޔިތުން ހެކިވާނެއެވެ. މިގޮތުން 100 އިންސައްތަ ލިބޭނެކަން ޔަގީން ވާނެތީއެވެ. މިޔަށް ވުރެން ބޮޑު ގުރުބާނީއެއް ބަޔަކަށް ވެވިދާނެތޯއެވެ؟ އެމީހުން ގާނޫނުގެ ބާރު ކަނޑުވާލީ އެންމެ ބޮޑު ހިޔާނާތުން ހިޔާނާތްތެރިވީ ހަމަ އެކަނި ފަޅު ކޮނެވޭނެތީއެވެ. ކޮންމެ އަކަސް ވޭތުވެދިޔަ 27 އަހަރު މާއުނގޫދޫ ރައްޔިތުން ހޭދަ ކުރީ މިފަދަ ހިތްދަތި ދިރި އުޅުމެކެވެ. އެގޮތަށްވެސް ވޯޓުލުމުން ފަޅުނުކޮނެވި މާޒީވެ އެތައް ދުވަހެއް ހިންގައްޖެއެވެ. ނަމަވެސް ޕާޓި ސިސްޓަމް އުފެދި އެމް.ޑީ.ޕީ އުފެދި އެމް.ޑީ.ޕީގެ ބާރު ގަދަވެ މީހުން ހެލުންތެރިވިލެއް ބޮޑުކަމުން، މައުމޫނު ސަރުކާރުގެ އިތުބާރު ގެއްލިދިއުމުން ކުއްލިޔަކަށް ރަށުގެ ހެލްތް ޕޯސްޓްތަކުގެ ނަން ބޯޑު ސިއްހީ މަރުކަޒު ތަކަށް ބަދަލުކޮށް، ރަށްރަށުގެ ފަޅުތައް ކުއްލިއަކަށް ކޮންނަން ފެށިބުރުގައި މާއުނގޫދޫގެ ފަޅުވެސް ފަށައިފިއެވެ



ނަމަވެސް މިހާ ހިސާބުން އުފެދޭ ސުވާލަކީ މާއުނގޫދޫގެ ފަޅު ކޮންނަނީ ހަމަ ސަރުކާރުން ބާވައެވެ؟ އެހެނީ މިސުވާލު ކުރަން މާއުނގޫދޫގެ ރައްޔިތުންނަށް ހަމަ ހައްގެވެ. އެމް.ޓީ.ސީ.ސީއާއި ކޮންޓްރެކްޓްއަށް ހަވާލުކޮށްގެން ކޮންނަ ފަޅުގައި މާއުނގޫދޫގެ ރަޔިތުން ބޭރުގައި ތޮއްޓެއް ޖަހައިފިއެވެ. އެކަމާ މާއުނގޫދޫގެ ރައްޔިތުން ހޭދަކުރި ވަގުތަށް އަގުމަގުކޮށް ބަލާއިރު 96800 ރުފިޔާ ހޭދަވެއެވެ. އަދި އެތަނަށް އަންހެން ވެރިން ގެންދިޔަ ޖޫހާއި ވަގުތަށް ބަލާއިރު 15000 ހޭދަވެއެވެ. މިހާވަރުން ނިމުނީޔަކީ ނޫނެވެ. މިހާރު ބޭރު ތޮށި ވެސް ޖަހަނީ ރައްޔިތުންނޯލައެވެ. ސަރުކާރުން ކޮންނަ ފަޅެއްގައި ރައްޔިތުން ބޭރުން ތޮށި ޖަހަން ޖެހޭހެއްޔެވެ؟ އެހެން ރަށްރަށުގެ ފަޅު ސަރުކާރުން ކޮންނަނީވެސް ހަމަ މިހެން ހެއްޔެވެ؟ ބޭރު ތޮށިޖެހުމަށް މާއުނގޫދޫގެ ރައްޔިތުން ބުރަ މަސައްކަތުން 117000 ރުފިޔާ ވަނީ ހޯދަފައެވެ. މިލާރިއަކީވެސް ރަށުތެރޭގައި މަސައްކަތް ކޮށްގެން ހޯދާގައި ހުރި ފައިސާއެވެ. ކާންބޯން ކުރާ މަސައްކަތް ހުއްޓާލަފައެވެ. އަމިއްލަ ގޭ ވަޅު ދިޔަ ހިއްކާފައި އަމިއްލަ ފޮށިން 100 ރުފިޔާ ނަގާފައި ދޭ ކަހަލަ ގޮތަކަށެވެ. ކޮންމެއަކަސް ސުނާމީ އަރާ ރާއްޖޭގެ އިގްތިސާދު ދުވަހަކުވެސް ދަށަށް ނުދާ ހިސާބަށް ގޮސްފައި އޮއްވާ މިފަދަ ބޮޑު ހޭދައެއް މާއުނގޫދޫގެ ރައްޔިތުން ކުރަން ޖެހޭ ކަމީ ވަރަށްވެސް ހިތާމަ ހުރި ކަމެކެވެ. މިހާރު ހޯދައިފައިވާ 117000 ރުފިޔާގެ އިތުރަށް އަދިވެސް ބޭރު ތޮށީގެއ ުމަށް ރައްޔިތުން ހޯދަންޖެހޭ ކަމަށް ރައްޔިތުން އެއްކޮށް ކަތީބުވަނީ ބުނެފައެވެ. އަދި މިގޮތަށް ތޮށި ޖެހުމަށް ރައްޔިތުން ލައްވާވަނީ އެއްބަސް ކުރުވާފައެވެ. ( އިދިކޮޅަށްވާހަކަ ދައްކާމީހުން ނެތް ވަގުތު ބަލާ). އަހަރެންނަށް އެނގިފައި ވާގޮތުން މިވަގުތު ރާއްޖޭ ވަނީ ބޭރުގެ ގައުމުތަކަށް 365 މިލިއަން ޑޮލަރސް އަށް ދަރާ ވިކިފައެވެ. ސުވާލަކީ 27 އަހަރު ނުކޮށްދީ އޮތްކަމެއް މިވަރަށް ދަރަނި ވެފައި ވަނިކޮށް ކުރަން މިއުޅެނީ ޑީ.އާރު.ޕީ އުފައްދާގެން އަދިވެސް 27 އަހަރު ވެރިކަމުގަ ހުންނަން ހެއްޔެވެ؟ އަހަރުމެން ރައްޔިތުންނަށް އޮޅުވާލާ، ސަރުކާރުން ފަޅުކޮނެދެނީ ކަމަށް ހަދާ ރައްޔިތުން ތިފެލަނީ ނޫންތޯއެވެ؟ އެހެންޔާ ފަހެ މިހާރުވެސް އެތަނަށް ދެތިން ލައްކަ ރުފިޔާ ހަރަދު ކޮށްފީމެވެ. ފަޅުކޮންނަނީ ސަރުކާރުންނެވެ. ހުރިހާ ރީތި ނަމެއް މައުމޫނަށެވެ. ރައްޔިތުން ތިބީ ދަރާ ވިކި ހުންވެފައެވެ. ނަމަވެސް ފުރަތަމަ ފަޅުކޮންނަން ފެށުމުގެ ރަސްމިއްޔާތުގައި އަތޮޅުވެރިޔާ ބުނީ މާއުނގޫދޫގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. ބޭރުގައި ޖަހާނީވެސް ހިލަ ތޮށިކަމަށެވެ. އެއީ ފީވަކުގައި ހިލަ ތޮށި ޖެހެންޔާ މާއުނގޫދޫގައި ވެސް ހިލަ ތޮށި ޖެހޭނެ ކަމަށެވެ

ޚަބަރުތައް
ކުރީގެ ޚަބަރުތައް
ލިންކުތައް
ފޮޓޯ