ގއ.ކޮނޑޭއަށް އަތޮޅުވެރިޔާ އަލީ ސަލީމް ވަޑައިގަތުމުން ރަށު އޮފީހުން ކަރަންޓް ކަނޑާލައި ގިނަ ބަޔަކު ނުކުމެ އޭނާ ކުރަން އައި މަސައްކަތަށް ހުރަސް އަޅައިފި އެވެ.
ކޮނޑޭ ކަތީބު ކަމާ ހަވާލުވެހުރި ރާއްޖެތެރޭގެ ހާއްސަ އެހީތެރިޔާ އަހުމަދު މުހައްމަދު ދީދީ ވިދާޅުވީ އިއްޔެ އެކެއް ޖެހިއިރު އަތޮޅުވެރިޔާ އެރަށަށް ވަޑައިގަތުމުން ޒުވާނުންގެ ބަޔަކު ނުކުމެ ރަށު އޮފީހުން ކަރަންޓް ކަނޑާލައި އަތޮޅުވެރިޔާ ކުރަން އުޅުނު މަސައްކަތަށް ހުރަސްއެޅި ކަމަށެވެ.
” އެއްގަޑި ބައިހާއިރު އަތޮޅުވެރިޔާ އޮފީހުގައި ހުއްޓާ އޮފީހުގެ ބޭރު މަގުމައްޗަށް ހުންނަ ކަރަންޓް ފޮށިން ކަރަންޓް ކަނޑާލީ. އަދި ޒުވާން ފުރައިގެ ބަޔަކު އައިސް އަތޮޅުވެރިޔާއާއި ޒުވާބުކޮށް ހެދި, އެމީހުން ރުޅި އައިސްފައި ވަނީ ގޯތި ނުދީގެން“ އަހައްމަދީ ވިދާޅުވި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގެ ޒުވާނުންގެ ބަޔަކު ރުޅި އައިސްފައި ވަނީ އެރަށުން ގޯއްޗަށް އެދި 26 މީހަކު މީގެ 11 މަހެއްހާ ކުރިން ސިޓީ ލާފައި ވަނިކޮށް އެރަށުން ދިޔަދޫގެ ދެ މީހަކަށް ގޯތި ދިނުމުން ކަމަށެވެ.
” އެމީހުން އެހާ ވަރަށް ގޯއްޗަށް އެދިއެދި ތިއްބާ އެމީހުންނަށްވުރެ މާ ފަހުން, އެއްފަސް ކުރުމުިގެ ސިޔާސަތުގެ ދަށުން މިރަށަށް ބަދަލުވާ ދިޔަދޫ ދެމީހަކަށް ގޯތި ދޭން އަތޮޅުވެރިޔާ ވަޑައިގަތުމުން ގިނަ ބަޔަކު ރުޅި އައީ“ އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނީ ރަށު އޮފީސް ކައިރިއަށް 500 މީހުންގެ އާބާދީއެއް އޮންނަ އެރަށުން 40 ވަރަކަށް މީހަކު ނުކުތް ކަމަށެވެ. އަދި އަތޮޅުވެރިޔާއާއި ބައެއް މީހުން ޒުވާބު ކުރުމުގެ ތެރޭގައި ސަރުކާރުން އަތޮޅުވެރިޔާއަށް ކޮންމެހެން މަހަކު އެއްފަހަރު ރަށުގެ ރައްޔިތުންގެ ހާލު ބަލާލުމަށް ޒިޔާރަތެއް ކުރުމަށް އަންގާފައި ނުވާނެ ކަމަށް އަތޮޅުވެރިޔާ ބުނި ކަމަށް އޭނާ ބުނެއެވެ.
” ކޮންމެވެސް މީހަކު ސުވާލު ކުރުމުން އަތޮޅުވެރިޔާ ފުންމައިގެން ގޮސް ވިދާޅުވެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާއާއި ސަރުކާރުން އޭނާއަށް އެއްވެސް ހާލަތެއްގައި މަހަކު އެއްފަހަރު ގޮސް ރައްޔިތުންގެ ހާލު ބެލުމަށް އަންގާފައި ނުވާ ކަމަށް“ އެމީހާ ބުންޏެވެ
