ކަތީބުތަ؟ ސަރުކާރުންތަ؟ ރައްޔިތުންތަ؟
މި އާރޓިކަލް އަކީ މާއުނގޫދޫގެ ފަޅު ކޮންނަން ފެއްޓިތަނާހެން ލިޔެފައިވާ އާރޓިކަލް އެކެވެ. ވީމާ، މިހާރުގެ ހާލަތާއި ނުގުޅުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއާރޓިކަލްގެ އިތުރުން މިހާރާއި ގުޅޭ އާރޓިކަލްތަކެއްވެސް އިރާދަކުރެއްވިއްޔާ ގެނެސްދޭނަމެވެ.
ގާމަތީ މަސްވެރި މާއުނގޫދޫ އަކީ މީގެ ކުރިން މަހައްދާ ގައިގަނޑަކަށް 12 އުޅަނދު ދުއްވިރަށެކެވެ. ނަމަވެސް ލިބުނު ތަޖުރިބާގައި މިހާރު މަހައްދާ އޮތީ އެންމެ 3 ދޯންޏެވެ. އެހެނީ ވިއްސާރަވެ ގަދަވެއްޖެޔާ އޮޑި ވެރިންނާއި ކެޔޮޅުން އުޅެން ޖެހެނީ ނިދިފިޔައެއް ނުޖަހައެވެ. ދޯނިތައް ރަށްމަތި ވެގެނެވެ. އެއްތަނުން އަނެއްތަނުން ދޯނިތައް ގެންގޮސް އަޅާނެ ތަނެއް ނެތި ރޭގަނޑު ހަތަރުދަމު ކަނޑުމަތީ ތިބެން ޖެހެނީ މަދެއްކޮށެއްނޫނެވެ. އެވަގުތު އެމީހުން އެއުޅޭ ހާލު ފެނިއްޖެ މީހާކު ލޮލުން ކަރުނަ ހިލޭނެއެވެ. މިދެންނެވި ފަދަ ހާދިސާތަކުގައި އެތައް ދޯންޏަކަށްވަނީ އެކިފަހަރު މަތިން އެތައް ގެއްލުމެއްވެފައެވެ. ހަމައެކަނި ދޯންޏަކަށް ނޫނެވެ. ކެޔޮޅުންނަށާއި އާންމުރައްޔިތުންނަށް ނަފްސާނީ، ޖިސްމާނީ އަދި މާލީ ގެއްލުން ވަނީ ވެފައެވެ
މީގެ 15 ވަރަކަށް އަހަރު ކުރިން ކުރި ވިއްސާރައެއްގައި މިރަށު ކުޅުދޫގެ އަލްމަރުހޫމް އަބްދުލް ރަހުމާނުގެ ދޯނިވަނީ ގެއްލިފައެވެ. އަދި އަދަށްދާންދެންވެސް އެދޯނި ނުފެނެއެވެ. ހަމަ އެފަދައިން އިބްރާހިމް ވަހީދު ކިޔާ މީހެއްގެ ދޯނިވަނީ ހަލާކުވެފައެވެ. އަދި ވަރަށް ފަހުން 24/05/2005/ ގައި އުތުރުގެ އަތޮޅުތަކަށް ވީ ގަދައިގައި ވައިލެޓްމާގޭ މުހައްމަދުގެ ބޮއްކުރާ އޮޔާގޮސް، އާދަމް އިބްރާހިމްގެ ދޯނި ފުއްޓަރު ގާތަކު މައްޗައްޖަހާ ހަލާކުވެ، ދޫރެސް ނަސީރު ދޯނި ގިނރުބާ ކޮޅުން ބޮޑުބައެއް ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން އެދުވަހު ރައްޔިތުން ނިކުމެ ދޯނިތައް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެކި މީހުންނަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ. ގެއްލުން ނުވެ ހުންނާނެ ތޯއެވެ. ދޯނިތައް އަޅާފައި ހުންނަނީ ފުއްޓަރުގައެވެ. އެވަގުރު މޫދަށް އެރުމަކީވެސް ދަންޖެހޭ މަޅި އަމިއްލަޔަށް ކަރަށް މޮހެލުން ފަދަ ކަމެކެވެ. ނަމަވެސް އެގަދާގައި އެނުރައްކަލާ ކުރިމަތިލަނީ (ރާޅުތަކުގެ ތެރޭ ފަތާފައި ދަނީ) ހިތަށާއި ފިތައް ކެއް ނުވެގެންނެވެ. ބަލަން ނުހުރެވިގެންނެވެ. ދެން މަސްވެރިން ދުވާލު ލޯބޯ ފިއްސާގެން ބާނާ މަސްކޮޅުގެ ކަންތައްވެސް ހަމަ މިހާ ހިތްދަތި ގޮތަކަށެވެ. އުރަފަށުގައި ދޯނި އަޅައިފައި ބޮއްކުރާ ގަނޑެއްގައި މަސް ބާލާއިރު، އެމަސްކޮޅު އެމީހުންނަށް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެއެވެ. ކިޔަންމެ ފަހަރަކު ރާޅެއް އައިސް ބޮއްކުރާ ގަނޑުބަންޑުން ޖަހާލުމުގެ ސަބަބުން ބޭނި މަސްކޮޅު ރާޅުތަކުގެ ޝިކާރަޔަކަށް ވެފައި އެބަހުއްޓެވެ. ދުވާލު ހަތަރުދަމުގެ މަސައްކަތް ބޭކާރުވީއެވެ. އަނބިދަރިން ނުކައި ތިބެން ވީއެވެ. މާލެއަށް ގެންދާ މުދާ ކޮޅާއި، މާލެއިން ގެންނަ މުދާ ކޮޅުގެ ކަންތައްވެސް ހުރީ މިފަދައިންނެވެ. ކިތަންމެ ފަހަރަކު ވިޔަފާރި ވެރިންގެ މުދާކޮޅާއި، ރައްޔިތުން ކާންގެންނަ ކާޑުކޮޅު ރާޅުތަކުގެ ޝިކާރަޔަކަށްވެފައި އެބަހުއްޓޭ މިދަންނަވަނީ ހިތާމަޔާ އެކުގައެވެ
މަތީގައި އަޅުގަނޑު ބަޔާންކުރެވޭތޯ މިއުޅެނީ ރޭޑިޔޯއިންނާއި ޓީވީން އަބަދު އެކިޔާ މިއޮށް ތަރައްގީ ޒަމާނުގައިވެސް މާއުނގޫދޫގެ ރައްޔިތުން ހޭދަކުރި ގޮތެވެ. ފަޅެއް ކޮނެދީފައި ނެތުމުންނެވެ. އަތޮޅަށް ކުރިމަތިލާ ބޭފުޅުންވެސް އެބޭފުޅުންގެ ކެންޕޭން ދުވަސްވަރު ރައްޔިތުން މޫދަށް އެރުވާ ފަޅު ކޮންނަތަން ކަމަށްބުނެ އެތައް ފަހަރަކު މިންވެސް ޖެއްސިއެވެ. ނަމަވެސް މެންބަރ ކަމަށް ހޮވުމުން އެބޭފުޅުންވެސް އަހަރުމެން މަތިން ހަނދާންނެތެނީއެވެ. އަހަރުމެން ރާއްޖެތެރޭ މީހުން ބޯގަޅިވިޔަސް ފަސްކުޅަނދު މަދުވިޔަސް މިވަރަށް އަޅުވާލަން ހެޔޮވާނެތޯއެވެ. މިރަށުގެ ރައްޔިތުން ފަޅުކޮންނަން ފެންބޮވައިގެންފައި ތިބިވަރުން މިތިބީ ގާނޫނު ބުނާގޮތުން ވަރަށް ބޮޑު ކުށެއްވެސް ކޮށްގެންނެވެ. ނަމަވެސް އެކަމާ ރައްޔިތުން ޒިންމާވާން ޖެހޭނެ ކަމަކަށް އަހަރެން ނުދެކެމެވެ. އެކަމުގައި ޒިންމާވާންޖެހޭނީ މާއުނގޫދޫ ވެރިޔާ އަދި އެޓޯލް ވެރިޔާ މާހިރުއެވެ. އެހެނީ އެބޭފުޅުންނަކީ ގާނޫނާއި ގަވައިދު އިނގޭ ރައްޔިތުންނަށް މަގު ދަށްކަން ތިބި ބޮޑުންނެވެ. ދެން އަހަރުމެން ކުރި ކުށެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބަށް ކެންޕޭން ކުރި ދުވަސްވަރު އަތޮޅުވެރިޔާ މާހިރު މާއުނގޫދޫ އަށްގޮސް ރައްޔިތުންނާއި ބައްދަލުކޮށް ބުނީ މިރަށުން މައުމޫނަށް 100 އިންސައްތަ ހޯދާދީފިއްޔާ މިރަށު ފަޅުކޮނެދޭނެ ކަމަށެވެ. އެހެން ނޫނީ ފަޅު ނުކޮނެވޭނެ ކަމަށެވެ. އޭނަޔަށް އިނގޭނެ ފަދައިން ފަޅުކޮންނަން ވެއްޖެޔާ މާއުނގޫދޫގެ ރައްޔިތުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކަންތައްވީވެސް އެހެނެވެ. ވޯޓުލީއިރު ހުރިހާ އެންމެންގެ ވޯޓުގައި ފާހަގަ ޖަހަން އިނީ އެންމެ މީހެކެވެ. މީ އެތޮޅުވެރިޔާ މާހިރު ދިން މޮޅު ހިޔާލެކެވެ. މިކަން ހިނގީ މިހެންކަން މާއުނގޫދޫގެ ރައްޔިތުން ހެކިވާނެއެވެ. މިގޮތުން 100 އިންސައްތަ ލިބޭނެކަން ޔަގީން ވާނެތީއެވެ. މިޔަށް ވުރެން ބޮޑު ގުރުބާނީއެއް ބަޔަކަށް ވެވިދާނެތޯއެވެ؟ އެމީހުން ގާނޫނުގެ ބާރު ކަނޑުވާލީ އެންމެ ބޮޑު ހިޔާނާތުން ހިޔާނާތްތެރިވީ ހަމަ އެކަނި ފަޅު ކޮނެވޭނެތީއެވެ. ކޮންމެ އަކަސް ވޭތުވެދިޔަ 27 އަހަރު މާއުނގޫދޫ ރައްޔިތުން ހޭދަ ކުރީ މިފަދަ ހިތްދަތި ދިރި އުޅުމެކެވެ. އެގޮތަށްވެސް ވޯޓުލުމުން ފަޅުނުކޮނެވި މާޒީވެ އެތައް ދުވަހެއް ހިންގައްޖެއެވެ. ނަމަވެސް ޕާޓި ސިސްޓަމް އުފެދި އެމް.ޑީ.ޕީ އުފެދި އެމް.ޑީ.ޕީގެ ބާރު ގަދަވެ މީހުން ހެލުންތެރިވިލެއް ބޮޑުކަމުން، މައުމޫނު ސަރުކާރުގެ އިތުބާރު ގެއްލިދިއުމުން ކުއްލިޔަކަށް ރަށުގެ ހެލްތް ޕޯސްޓްތަކުގެ ނަން ބޯޑު ސިއްހީ މަރުކަޒު ތަކަށް ބަދަލުކޮށް، ރަށްރަށުގެ ފަޅުތައް ކުއްލިއަކަށް ކޮންނަން ފެށިބުރުގައި މާއުނގޫދޫގެ ފަޅުވެސް ފަށައިފިއެވެ
ނަމަވެސް މިހާ ހިސާބުން އުފެދޭ ސުވާލަކީ މާއުނގޫދޫގެ ފަޅު ކޮންނަނީ ހަމަ ސަރުކާރުން ބާވައެވެ؟ އެހެނީ މިސުވާލު ކުރަން މާއުނގޫދޫގެ ރައްޔިތުންނަށް ހަމަ ހައްގެވެ. އެމް.ޓީ.ސީ.ސީއާއި ކޮންޓްރެކްޓްއަށް ހަވާލުކޮށްގެން ކޮންނަ ފަޅުގައި މާއުނގޫދޫގެ ރަޔިތުން ބޭރުގައި ތޮއްޓެއް ޖަހައިފިއެވެ. އެކަމާ މާއުނގޫދޫގެ ރައްޔިތުން ހޭދަކުރި ވަގުތަށް އަގުމަގުކޮށް ބަލާއިރު 96800 ރުފިޔާ ހޭދަވެއެވެ. އަދި އެތަނަށް އަންހެން ވެރިން ގެންދިޔަ ޖޫހާއި ވަގުތަށް ބަލާއިރު 15000 ހޭދަވެއެވެ. މިހާވަރުން ނިމުނީޔަކީ ނޫނެވެ. މިހާރު ބޭރު ތޮށި ވެސް ޖަހަނީ ރައްޔިތުންނޯލައެވެ. ސަރުކާރުން ކޮންނަ ފަޅެއްގައި ރައްޔިތުން ބޭރުން ތޮށި ޖަހަން ޖެހޭހެއްޔެވެ؟ އެހެން ރަށްރަށުގެ ފަޅު ސަރުކާރުން ކޮންނަނީވެސް ހަމަ މިހެން ހެއްޔެވެ؟ ބޭރު ތޮށިޖެހުމަށް މާއުނގޫދޫގެ ރައްޔިތުން ބުރަ މަސައްކަތުން 117000 ރުފިޔާ ވަނީ ހޯދަފައެވެ. މިލާރިއަކީވެސް ރަށުތެރޭގައި މަސައްކަތް ކޮށްގެން ހޯދާގައި ހުރި ފައިސާއެވެ. ކާންބޯން ކުރާ މަސައްކަތް ހުއްޓާލަފައެވެ. އަމިއްލަ ގޭ ވަޅު ދިޔަ ހިއްކާފައި އަމިއްލަ ފޮށިން 100 ރުފިޔާ ނަގާފައި ދޭ ކަހަލަ ގޮތަކަށެވެ. ކޮންމެއަކަސް ސުނާމީ އަރާ ރާއްޖޭގެ އިގްތިސާދު ދުވަހަކުވެސް ދަށަށް ނުދާ ހިސާބަށް ގޮސްފައި އޮއްވާ މިފަދަ ބޮޑު ހޭދައެއް މާއުނގޫދޫގެ ރައްޔިތުން ކުރަން ޖެހޭ ކަމީ ވަރަށްވެސް ހިތާމަ ހުރި ކަމެކެވެ. މިހާރު ހޯދައިފައިވާ 117000 ރުފިޔާގެ އިތުރަށް އަދިވެސް ބޭރު ތޮށީގެއ ުމަށް ރައްޔިތުން ހޯދަންޖެހޭ ކަމަށް ރައްޔިތުން އެއްކޮށް ކަތީބުވަނީ ބުނެފައެވެ. އަދި މިގޮތަށް ތޮށި ޖެހުމަށް ރައްޔިތުން ލައްވާވަނީ އެއްބަސް ކުރުވާފައެވެ. ( އިދިކޮޅަށްވާހަކަ ދައްކާމީހުން ނެތް ވަގުތު ބަލާ). އަހަރެންނަށް އެނގިފައި ވާގޮތުން މިވަގުތު ރާއްޖޭ ވަނީ ބޭރުގެ ގައުމުތަކަށް 365 މިލިއަން ޑޮލަރސް އަށް ދަރާ ވިކިފައެވެ. ސުވާލަކީ 27 އަހަރު ނުކޮށްދީ އޮތްކަމެއް މިވަރަށް ދަރަނި ވެފައި ވަނިކޮށް ކުރަން މިއުޅެނީ ޑީ.އާރު.ޕީ އުފައްދާގެން އަދިވެސް 27 އަހަރު ވެރިކަމުގަ ހުންނަން ހެއްޔެވެ؟ އަހަރުމެން ރައްޔިތުންނަށް އޮޅުވާލާ، ސަރުކާރުން ފަޅުކޮނެދެނީ ކަމަށް ހަދާ ރައްޔިތުން ތިފެލަނީ ނޫންތޯއެވެ؟ އެހެންޔާ ފަހެ މިހާރުވެސް އެތަނަށް ދެތިން ލައްކަ ރުފިޔާ ހަރަދު ކޮށްފީމެވެ. ފަޅުކޮންނަނީ ސަރުކާރުންނެވެ. ހުރިހާ ރީތި ނަމެއް މައުމޫނަށެވެ. ރައްޔިތުން ތިބީ ދަރާ ވިކި ހުންވެފައެވެ. ނަމަވެސް ފުރަތަމަ ފަޅުކޮންނަން ފެށުމުގެ ރަސްމިއްޔާތުގައި އަތޮޅުވެރިޔާ ބުނީ މާއުނގޫދޫގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. ބޭރުގައި ޖަހާނީވެސް ހިލަ ތޮށިކަމަށެވެ. އެއީ ފީވަކުގައި ހިލަ ތޮށި ޖެހެންޔާ މާއުނގޫދޫގައި ވެސް ހިލަ ތޮށި ޖެހޭނެ ކަމަށެވެ

2 ޚިޔާލު:
މި ސިލްސިލާއަށް ވަރަށް އިންތިޒާރުކުރެވޭ
July 11, 2007 at 5:38 AM
miee hama mulhin thedhu habareh!haadhisaagai mikamah rashuge rayyithunge ehbbaarulun hurihaa enmenah vess libifaivey! adhi maaungoodhoogai ehbbaarulai dhiriulhey baeh ulheykan mikamun engunu! thank you so much for kind cooporation; ayya
August 27, 2007 at 10:17 AM
Post a Comment
<< Home