
ށ. ފުނަދޫ، ޅައިމަނގު، ފުނަދޫ
ށ.ފުނަދޫ ދާއިރާ
އުފަން ތާރީޚް:
އޮގަސްޓް 1973
އިންތިޚާބީ ދާއިރާގެ ފަސްމަންޒަރު:
ފުނަދޫއަކީ ށ.އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ޅައިމަގާއި މާއުނގޫދޫއަކީ ފުނަދޫއާ އެންމެ ކައިރީގައި އޮންނަ މީހުން އުޅޭ ދެ ރަށެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި މިރަށްތައް ތަރައްޤީކުރަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނެތުމުން ތަރައްޤީގެ ދުވެލި ލަސް، ރާއްޖޭގެ އެހެން ހުރިހާ ރަށްތަކަށްވެސް ދިމާވެފައިވާ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ 3 ރަށެވެ. ށ.އަތޮޅު ހޮސްޕިޓަލް ފުނަދޫގައި ޤާއިމު ކުރެވިފައިވީ ނަމަވެސް ރައްޔިތުން އެދޭފަދަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށެއް ނުދެވެއެވެ. މާއުނގޫދާއާއި ޅައިމަގުން ދެވޭ ޞީއްޙީ ޚިދުމަތުގެ ފެންވަރު ވަރަށް ދަށެވެ.
ނަރުދަމާގެ ނިޒާމު ޤާއިމުވެފައި ނެތުމުން ރަށްރަށުގެ ފެން ތަޣައްޔަރުވުމަކީ މިހާރު ކުރިމަތިވެފައިވާ ބިރެކެވެ. މީގެ އިތުރުން ސްކޫލުތަކުން އެކަށީގެންވާ ފަދަ ތަޢުލީމީދަރިން އުފެއްދެމުން ނުދާތީ ސްކޫލުނިމޭ ކުދިންގެ އަޚްލާޤީ ފެންވަރު ގޯސްވުމާއި، އިޖުތިމާޢީ ތަފާތު ބަލިތައް ދަނީ ޢާއްމު ވަމުންނެވެ. މިގޮތުން ޅައިމަގާއި ފުނަދޫއަކީ މި ސަރަޙައްދުންވެސް މަސްތުވާތަކެތީގެ ވަބާ އިންތިހާއަށް ފެތުރި އޭގެ ނުރައްކާތެރިކަން ބޮޑުވެފައިވާ 2 ރަށެވެ. ޅައިމަގާއި މާއުނގޫދޫގެ އާބާދީގެ ބޮޑުބައެއް ރަށުން ބޭރުގައި އުޅެން ޖެހިފައވަނީ ރަށުން ވަޒިފާގެ ފުރުޞަތު ތަކާއި ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތް ލިބުން ދަތި ކަމުގެ ސަބަބުންނެވެ.
ފުނަދޫގެ ބަނދަރުވަނީ ސުނާމީގައި ހަލާކުވި ގޮތަށް އަދިވެސް މަރާމާތު ނުކުރެވިއެވެ. ޅައިމަގާއި މާއުނގޫދޫގެ ބަނދަރުވެސް އަދި ވަނީ މުޅިން ނިންމާ ނުލެވިއެވެ. ކަރަންޓުގެ ޚިދުމަތަށް ބަލާއިރު މިއިން އެއްވެސް ރަށަކުން އެކަށީގެންވާ ފަދަ ގޮތެއްގައި މިޚިދުމަތް ފޯރުކޮށްދެވެމުންނެއް ނުދެއެވެ.
އަޅުގަނޑުގެ ތަޢާރުފް:
އަޅުގަނޑަކީ ޅައިމަގަށް އުފަން ޅައިމަގު ޖަމްސަރީރުގޭ މުޙައްމަދު މުޞްތަޢުޞިމް ބިﷲ އެވެ. އަޅުގަނޑުގެ ޢާއިލާ ޅައިމަގާއި، މާލެ އަދި ފުނަދޫގައިވެސް ވާނެއެވެ. ހަޔާތުގެ ބޮޑުބައެއް ތަޢުލީމަށްޓަކައި މާލޭގައި ހޭދަކުރިއިރު، މަދުރަސަތުލް އާލިޔާއާއި އީޕީއެސް ސްކޫލޫންނާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔޫކޭޝަނުން ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުޞަތު ހޯދީމެވެ. އެއަށްފަހު ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލޮމްބޯއިން މަތީތަޢުލީމު ޙާޞިލުކުރީމެވެ. މިގޮތުން ޕްރައިމަރީ ޓީޗިންގ ސެޓްފިކެޓާއި، ސެކަންޑްރީ ޓީޗިންގ ސެޓްފިކެޓާއި، ދިވެހި ބަހުގެ ޑިގުރީ އަދި މާސްޓަރސްއިން ޑިވެލޮޕްމެންޓް ސްޓަޑީޒް އަށް ކިޔަވާފައިވާނެއެވެ.
އަޅުގަނޑުގެ ޚިދުމަތް:
އަޅުގަނޑު ވަޒީފާގެ ދާއިރާއަށް ފުރަތަމަވެސް ނިކުތީ ފަށާތަޢުލީމުގެ މުދައްރިސެއްގެ ގޮތުންނެވެ. މިގޮތުން އަމިއްލަ ރަށް ކަމުގައިވާ ށ. ޅައިމަގު ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުންނާއި، ޅައިމަގު ސްކޫލުގެ އިސްވެރިއެއްގެ ގޮތުގައި 3 އަހަރު ޚިދުމަތް ކޮށް ޅައިމަގު ސްކޫލަށް ކުރިއެރުންތަކެއް ހޯދައިދީފައި ވާނެ އެވެ. އޭގެފަހުން މަދަރުސަތުލް އަހުމަދިއްޔާއާއި، އީޕީއެސް ސްކޫލާއި، މާފަންނު މަދަރުސާ އަދި އަމީނިއްޔާ ސްކޫލުގައި ސެކަންޑްރީ ޓީޗަރެއްގެ ގޮތުން 7 އަހަރު މަސައްކަތް ކުރީމެވެ.
ޅައިމަގު ސްކޫލުގައި މަސައްކަތްކުރިއިރު ޅައިމަގު ރަށްކުރިއަރުވާ ކޮމެޓިއާއި ށ.އަތޮޅުކޮމިޓީގައި ޙަރަކާތްތެރިވެ އަތޮޅު ތަރައްޤީއަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދާފައި ވާނެއެވެ. އަމީނިއްޔާ ސްކޫލުގައި މަސައްކަތްކުރިއިރު އެ ސްކޫލުގެ ކެޑޭޓާއި ބޭންޑްގެ އިސްވެރިއެއްގެ ގޮތުންވެސް މަސައްކަތްކުރީމެވެ. މަތީ ތަޢުލީމް ޙާޞިލްކުރުމަށްފަހު މިހާރު މަސައްކަތް ކުރަމުންގެންދަނީ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އޮބިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުންނެވެ.
އަޅުގަނޑުގެ އަމާޒް:
މިދާއިރާއަށް ފެތުރި ޢާއްމު ވަމުންދާ މަސްތުވާތަކެތީގެ ވަބާ އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތްކުރުމާ މިހާރު މިކަމުގައި ހަލާކުވަމުންދާ ޖީލު މުޖުތަމަޢަށް ނެރެދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އަމާޒެކެވެ. ސްކޫލުތަކުން ނިމޭ ކުދިންނަކީ ހުނަރުވެރި، ތަޢުލީމީ ދަރިންތަކަކަށް ހެދުމަށް މިސަރަޙައްދުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް މުދައްރިސުން ބިނާކުރުމަށް މަސައްކަތް ކޮށްދޭނަމެވެ. މިސަރަޙައްދުން ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ އަދި އެމީހުންނަށް ހިތްހަމަ ޖެހުން ލިބޭފަދަ ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރާނަމެވެ. އަޅުގަނޑުގެ އެންމެބޮޑު އަމާޒަކީ ފުނަދޫ އަކީ މި ސަރަޙައްދުގެ ތަރައްޤީގެ ނާރެހެއްގެ ގޮތުގައްޔާއި، އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ލިބޭ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބާރުއަޅާ މަސައްކަތް ކުރުމެވެ. މިގޮތުން ސަރުކާރުން ކުރާ ތަފާތު އިންވެސްޓްމެންޓްތައް މިސަރަޙައްދަށް ގެނައުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކޭނަމެވެ. އަޅުގަނޑުގެ ތަޞައްވުރަކީ ގިނަކަންތައްތަކުގައި މާލެއަށް ނުވަތަ ކުޅުދުއްފުއްޓަށް ދާން ނުޖެހޭ ފެންވަރަށް މިސަރަޙައްދަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމެވެ. އަދި މިތަރައްޤީގެ ފައިދާ މާއުނގޫދޫ، ޅައިމަގު އަދި ފުނަދޫގެ ރައްޔިތުން ޙިއްޞާކުރުމެވެ.
